Slider Image 01
Slider Image 01
Slider Image 01

ތައާރަފު

މި އޮޑިޓަކީ ހޫނު މޫސުމުގައި ރާއްޖޭގެ ގިނަ ރަށްރަށުން ބޯފެން ހުސްވެ، ފެނަށް ޖެހުމުގެ މައްސަލަ ކޮންމެ އަހަރަކު ކުރިމަތިވަމުންދާތީ، އެކަން ހައްލުކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުން ނަތީޖާ ހާސިލުވާ މިންވަރު ބެލުމަށް ކުރެވިފައިވާ އޮޑިޓެކެވެ. މި އޮޑިޓުގައި ފެނަށް ޖެހޭ ރަށްތަކަށް ފެން ފޯރުކޮށްދީފައިވަނީ ޚަރަދު ކުޑަ، އެކަށީގެންވާ މިންވަރަށް އަދި ވަގުތަށް ތޯ ވަޒަންކުރެވިފައި ވާނެއެވެ. މީގެ އިތުރަށް ފެނަށްޖެހޭ ރަށްތަކުގައި ދައުލަތުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ނަތީޖާ ހާސިލްކުރެވިފައިވާ މިންވަރު ބެލިފައި ވާނެއެވެ.

މި އޮޑިޓުގައި ބެލުމަށް ކަނޑައަޅާފައިވަނީ ދައުލަތުން މި މައްސަލައަށް ހައްލެއް ހޯދުމަށް 2014 އިން 2019 އާ ދެމެދު ކޮށްފައިވާ މަސައްކަތުގެ މައްޗަށެވެ. ނަމަވެސް، ބައެއް ބައިތަކުގެ ގޮތުން2021  ވަނަ އަހަރާ ހަމައަށްވެސް ބެލިފައިވާނެއެވެ. 


ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކާއި އިސްލާހުކުރަން ލަފާދޭ ގޮތް


  1. ހޫނު މޫސުމާއި ގުޅިގެން ދިމާވާ ފެނުގެ މައްސަލަ ހައްލުކުރުމަށް ޓާގެޓް ވަކި ރަށްތަކެއްގައި ފެން ރައްކާކުރާ ނިޒާމާއި ފެން ޕްލާންޓް ގާއިމްކުރުމުގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ނިންމައި، 2021 ވަނަ އަހަރުގެ ނިޔަލަށް 43 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކޮށްފައިވުން. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނުގެ ވިއުގަ ގާއިމްކުރުމުގެ މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައިވުމާއެކު، ފެން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ ޚަރަދު ކުޑަކުރެވި ފެނުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރެވޭނީ ހުރިހާ ރަށެއްގައި ގާއިމްކުރަމުންދާ މަޝްރޫއުތައް ނިމިގެންކަމުގައިވުން.
  2. ކޮންމެ އަހަރަކުވެސް ރާއްޖޭގެ ރަށްރަށުން ބޯފެން ހުސްވުމާ ގުޅިގެން، އެ ރަށްރަށަށް ސަރުކާރުން ކުއްލި ހާލަތުގައި ބޯފެން ފޯރުކޮށްދެމުންދިޔުން. އެގޮތުން، 2014 ވަނަ އަހަރު 61 ރަށަކަށް ފެން ފޯރުކޮށްދިނުމަށް 3,924,658 ރުފިޔާ ޚަރަދުކޮށްފައިވާއިރު 2019 ވަނަ އަހަރު 82 ރަށަކަށް ފެން ފޯރުކޮށްދިނުމަށް 11,043,280 ރުފިޔާ ޚަރަދުކޮށްފައިވުމުން ފެނަށް ޖެހޭ ރަށްތަކުގެ އަދަދާއި ޚަރަދު އިތުރުވެފައިވާކަން ފާހަގަކުރެވުން. އެހެންކަމުން، ރަށްރަށުގެ އަދަދުން މިއީ 34% އިތުރުވުމެއްކަމާއި، ޚަރަދުގެ ގޮތުން މިއީ 2.3 ގުނަ (ނޯޓު[1]) އިތުރުވުމެއްކަމުގައިވުން. މިއީ ކޮންމެ އަހަރަކު އެވަރެޖްކޮށް 65 ރަށަށް ފެން ފޯރުކޮށްދިނުމަށް 6,782,795 މިލިއަން ރުފިޔާ ކަމުގައިވުން.
  3. ފެން ފޯރުކޮށްދިނުމަށް ކޮށްފައިވާ ޚަރަދުގެ ތެރެއިން ބޮޑު އިންސައްތައެއް ފެން ފޯރުކޮށްދިނުމަށްކުރާ ދަތުރުތަކަށް ހޭދަވެފައިވުން. އެގޮތުން، 2016 އަހަރު ފެން ފޯރުކޮށްދިނުމަށް ކުރެވުނު ޚަރަދުގެ %91 (9.56 މިލިއަން ރުފިޔާ) ދަތުރުތަކަށް ހޭދަވެފައިވާއިރު، ފެން ގަތުމަށް ހޭދަވެފައިވަނީ ޖުމްލަ ޚަރަދުގެ 9% ކަމުގައިވުން. އަދި، 2020 އަހަރުގެ ޖުމްލަ ޚަރަދުގެ 89% (3.26 މިލިއަން ރުފިޔާ) ދަތުރުތަކަށް ކޮށްފައިވާއިރު، ފެން ގަތުމަށް ހޭދަކޮށްފައިވަނީ 11% ކަމުގައިވުން.
  4. ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރި ފަހުން މިކަމަށް ހިނގާ ޚަރަދު ކުޑަވެފައި ނުވުން. އެގޮތުން، އެ ކުންފުނިން މިކަމުގައި އަދާކޮށްފައިވަނީ ރިކުއެސްޓް ވެރިފައި ކުރުމާއި ސަބް-ކޮންޓްރެކްޓް މެނޭޖްމަންޓު ކަމާއި، 2017 އިން 2019 ވަނަ އަހަރަށް، ރަށްރަށަށް ފެން ފޯރުކޮށްދިނުމަށް ހިނގާ ޚަރަދުގެ އިތުރުން މި މަސައްކަތުން ނަފާގެ ގޮތުގައި އެ ކުންފުންޏަށް 10.81 މިލިއަން ރުފިޔާ ލިބިފައިވުން.
  5. ފެން އުފުލުމުގެ ޚަރަދު ބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ފެން އުފުލާ އުޅަނދުގެ ސްޕެސިފިކޭޝަން ކަނޑައަޅާފައިވާ ގޮތުން މި ސްޕެސިފިކޭޝަންގެ އުޅަނދުތައް ރާއްޖޭގައި މަދުވުން ކަމުގައިވުން. އެހެންކަމުން، ފެން އުފުލާ އުޅަނދު ސެޓިފައިކުރުމުގެ ބަދަލުގައި ފެނުގެ ކޮލިޓީ އަށް އަސަރު ނުކުރާނެހެން ފެން އެއް ތަނުން އަނެއް ތަނަށް އުފުލޭ ފަދަ ގޮތަކަށް ފެން ފޯރުކޮށްދިނުމުގެ ސިޔާސަތު ބަދަލުކޮށްފިނަމަ، ރާއްޖޭގައި މިހާރު ގެންގުޅޭ ގިނަ އުޅަނދުތަކަކުން ފެން ފޯރުކޮށްދިނުމުގެ ބިޑުގައި ބައިވެރިވެ، ފެން އުފުލުމަށް މިހާރު ކުރާ ޚަރަދު ނިސްބަތުން ބޮޑު އަދަދަކުން ކުޑަވުމުގެ ފުރުސަތު އޮތުން. އެހެންކަމުން ފެން އުފުލުމުގައާއި ފެން ފޯރުކޮށްދިނުމުގެ އުސޫލު އަލުން ރިވިއު ކުރަންޖެހިފައިވުން.
  6. ހޫނު މޫސުމުގައި ބޯފެނަށްޖެހޭ ރަށްތަކަށް ފޯރުކޮށްދީފައިވާ ފެނަކީ ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ހުއްދަކޮށްފައިވާ ފެންކަން ކަށަވަރުކޮށްފައިވުން. އެގޮތުން، 2014 ވަނަ އަހަރުން ފެށިގެން އޮޑިޓުކުރި މުއްދަތާ ހަމައަށް ރަށްތަކަށް ފޯރުކޮށްދީފައިވާ ފެނަކީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑު (އެމް.ޑަބްލިޔު.އެސް.ސީ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި އަމިއްލަ ކުންފުނިތަކުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެން ޕްލާންޓުތަކުން އުފައްދާ ފެންކަމާއި، ހޫނު މޫސުމުގައި ފޯރުކޮށްދޭ ފެނަކީ ISO 17025 ގެ މިންގަނޑާ އެއްގޮތަށް ޓެސްޓްކޮށްފައިވާ ބޯފެންކަމާއި އެއީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ގައިޑްލައިންތަކަށާއި ވޯލްޑް ހެލްތް އޯގަނައިޒޭޝަނުގެ ސްޓޭންޑަޑުތަކަށް ފެތޭ ކޮލިޓީގެ ފެންކަން ކަށަވަރުކޮށްފައިވުން.
  7. ހޫނު މޫސުމުގެ އަސަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވުރެ ބޮޑަށް އުތުރުގެ އަތޮޅުތަކަށް ކުރަމުންދާކަމާއި، ވޭތުވެ ދިޔަ އަހަރުތަކުގައި ފެން ފޯރުކޮށްދީފައިވާ ރަށްތަކުގެ ނިސްބަތުން %55 އުތުރުގެ އަތޮޅުތަކުގެ ރަށްތައް ހިމެނިފައިވުން. އެހެންކަމުން، އެންމެ ގިނައިން ފެން ފޯރުކޮށްދީފައިވާ އަތޮޅުތަކަކީ ފެނަށް އެންމެ ބޭނުން ޖެހިފައިވާ އަތޮޅުތައްކަމާއި، މި އަތޮޅުތަކުގެ ފެނުގެ މައްސަލަ ހައްލުކުރުމަށް ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް 14 މަޝްރޫއުއެއް ނިމިފައިވާއިރު 59 ރަށެއްގައި މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރެވުން.
  8. ވާރޭފެން ނަގައި ރައްކާކުރާ މަޝްރޫއުތަކަކީ މުޅިރަށުގެ ބޯފެނުގެ ޑިމާންޑަށް ކޭޓާރ ކުރާގޮތަށް ފަރުމާކޮށްފައިވާ ނިޒާމަކަށް ނުވާތީ، މި ނިޒާމް ގާއިމުކޮށްފައިވާ ރަށްތައް ވެސް ފެނަށްޖެހިފައިވާކަމާއި، ފެން ރައްކާކުރާ ނިޒާމު ގާއިމުކޮށްފައިވާ 33 ރަށަކަށް ފެން ފޯރުކޮށްދޭންޖެހުން. އެގޮތުން، މި މަޝްރޫއުތައް ހިންގާފައިވާ 47 ރަށުގެ ތެރެއިން 33 ރަށަކަށް މި މަޝްރޫއު ނިންމާފައިވާ މުއްދަތުގެ ފަހުންވެސް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދީފައިވާއިރު، މިހެން ދިމާވަނީ، ރަށަށް އެކަށީގެންވާ ކެޕޭސިޓީގެ ހަޓުތައް ނެތުމާއި ފެން ހަޓުތައް ސާފުކޮށް ވާރޭފެން ނެގުމަށް ތައްޔާރުކޮށްފައި ނެތުމުގެ ސަބަބުން ކަމުގައިވުން. އަދި، ފެނަށް ޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިފައިވަނީ ފެނުގެ ވިއުގަ ގާއިމުކޮށްފައިވާ ރަށްރަށުގައި ކަމުގައިވާއިރު، ފެނުގެ ވިއުގަ ގާއިމުކޮށްދިނުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ތަކުރާރުކޮށް ފެން ފޯރުކޮށްދޭ ރަށްރަށަށް ދެވިފައިނުވުމުގެ ސަބަބުން، މި ރަށްރަށަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވުން.
  9. ވާރޭފެން ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ހިންގާފައިވާ މަޝްރޫއުތަކަށް އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް އިތުރުކޮށްދީފައިވުން. އެގޮތުން، ވާރޭފެން ނަގާ ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ބީލަން ހުށަހަޅާފައިވާ ކޮންޓްރެކްޓަރުން، އެވަރެޖްކޮށް 72 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެކަމަށް ބަޔާންކޮށްފައިވާއިރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި އެކިއެކި ކޮންޓްރެކްޓަރުންނާއެކު ހެދިފައިވާ އެއްބަސްވުންތަކުގައި އެންމެ ކުރު މުއްދަތެއްގެ ގޮތުގައި 30 ދުވަސް އަދި އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 90 ދުވަސް ހިމަނާފައިވުން. ނަމަވެސް، 2015 އިން 2018 ވަނަ އަހަރަށް ހިންގާފައިވާ 18 މަޝްރޫއުގެ ތެރެއިން17  މަޝްރޫއުގެ 94%)) މުއްދަތު އިތުރުކޮށްދީފައިވާކަމާއި 5 މަޝްރޫއަށް 28%)) ފުރަތަމަ އެއްބަސްވި މުއްދަތަށްވުރެ 3 ގުނަ އިތުރަށް މުއްދަތު ދީފައިވުން.
  10. ފެން ރައްކާކުރާ ނިޒާމު މެއިންޓެއިންކޮށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން މިފަދަ މަޝްރޫއުތަކުން ބޭނުންވާ ނަތީޖާ ހާސިލުވަމުން ނުދިއުން. އެގޮތުން، ރ.އަތޮޅުގެ ތިން ރަށެއްގެ އިޖްތިމާއީ ތާނގީތައް މަރާމާތު ނުކޮށް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ބައެއް ފެން ތާނގީތައް ހަލާކުވެ، ތާނގީތަކުގެ މަތީގައި ހިރަފުސް ބޯވެފައިވުން. އަދި އިންސްޕެކްޝަން ކުރިއަށްގެންދިޔަ ރަށްތަކުގެ ކައުންސިލު އިދާރާތަކުން، ތާނގީތައް ސާފުކޮށް ބަލަހައްޓަމުންދާ ގޮތުގެ ތަފްސީލުތައް ބަލަހައްޓާފައި ނުވުން.


އިސްލާހުކުރަން ލަފާ ދޭގޮތް

  1. ރަށްރަށުން ފެނަށްޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން، މިހާރު ރަށްރަށުގައި ގާއިމްކުރުމަށް ކަނޑައަޅާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމައި ފެނުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް އަވަސްކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ދަންނަވަމެވެ.
  2. ފެން ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރާ މޮޑެލް ދިރާސާކޮށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ގުޅިގެން ފެން ފޯރުކޮށްދިނުމުގެ އުސޫލު އަލުން ރިވިއުކުރުމަށާއި، ފެން އުފުލާ އުޅަނދު ސެޓިފައި ކުރުމުގެ ބަދަލުގައި ފެނުގެ ކޮލިޓީ އަށް އަސަރު ނުކުރާނެހެން ފެން އެއް ތަނުން އަނެއް ތަނަށް އުފުލޭ ފަދަ ގޮތަކަށް ފެން ފޯރުކޮށްދިނުމުގެ އުސޫލު އެކަށައެޅުމަށް އިސްކަންދިނުމަށާއި؛
  3. ވާރޭފެން ނަގާ ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ރަށްތައް ކަނޑައެޅުމުގައި  ފެނަށްޖެހޭ ރަށްތަކުގެ ނީޑް އެނަލިސިސްއަށް ރިއާޔަތްކޮށް، އެންމެ ގިނައިން ފެނަށް އެދޭ ރަށްރަށަށް އިސްކަންދިނުމަށާއި؛
  4. މަޝްރޫއުތަކުގެ މުއްދަތު ކަނޑައެޅުމުގައި ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުން ލިބިފައިވާ ތަޖުރިބާއަށް ރިއާޔަތްކޮށް މުއްދަތު ކަނޑައެޅުމަށާއި މަޝްރޫއުތައް ރޭވުމުގެ މަރުހަލާގައި ރަށްރަށުގެ ކައުންސިލު އިދާރާތަކާއި ރައްޔިތުންގެ ބައިވެރިކުރުން އިތުރުކުރުމަށާއި މަޝްރޫއުތައް ތަންފީޒީ މަރުހަލާތަކުގައި މޮނިޓަރކުރުން ހަރުދަނާކުރުމަށާއި މަޝްރޫއުތަކުގެ މަސައްކަތް ލަސްވާނަމަ އޭގެ ސަބަބުތައް ހޯދައި، ދުރާލައި ފިޔަވަޅުއެޅުމަށާއި ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ދަންނަވަމެވެ.
  5. ވާރޭފެން ރައްކާކުރާ ނިޒާމުތަކުގެ މަޝްރޫއު ނިންމައި، ކައުންސިލު އިދާރާތަކާ ލިޔުމުން ހަވާލުކުރުމަށާއި، ވާރޭ ފެން ރައްކާކުރާ ނިޒާމުތައް ބަލަހައްޓައި މަރާމާތުކުރުމަށް އުސޫލެއް ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް މިފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ރަށު ކައުންސިލްތަކަށް ދަންނަވަމެވެ.

ނިންމުން

ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާއިރު، 2014 ވަނަ އަހަރުން 2019 ވަނަ އަހަރަށް ޖުމުލަ 40,696,771 (ސާޅީސް މިލިއަން ހަ ސަތޭކަ ނުވަދިހަ ހަ ހާސް ހަތްސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ މިކަމަށް ޚަރަދުވެފައި ވެއެވެ. ފެން ފޯރުކޮށްދިނުމަށް ކޮށްފައިވާ ޚަރަދުގެ ތެރެއިން ބޮޑު އިންސައްތައެއް ފެން ފޯރުކޮށްދިނުމަށްކުރާ ދަތުރުތަކަށް ހޭދަވެ، ފެން ފޯރުކޮށްދިނުމުގެ ޚަރަދު އެތައް ގުނައެއް ބޮޑުވެފައިވެއެވެ. އެހެންކަމުން، ފެން ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރާ މޮޑެލް ދިރާސާކޮށް ފެން އުފުލުމަށް ހިނގާ ޚަރަދު ކުޑަވާނެ އެހެން އިންތިޒާމުތަކެއް ހޯދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރަމެވެ. އަދި، ފެނަށްޖެހޭ ރަށްތަކުން އެދިފައިވާ މިންވަރަށް ފެން ފޯރުކޮށްދީފައި ވީނަމަވެސް، 2018 ވަނަ އަހަރުން 2020 ގެ ނިޔަލަށް ފެނަށް އެދި ހުށަހަޅާފައިވާ 81% ރިކުއެސްޓަށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ފެން ފޯރުކޮށްދެވިފައި ނުވެއެވެ. މިކަން މިހެން ދިމާވާ ސަބަބުތަކުގެ ތެރޭގައި، ފެން ހުސްވުމުގެ ކުރިން ބައެއް ކައުންސިލު އިދާރާތަކުން ފެނަށް އެދި ރިކުއެސްޓު ނުކުރުމާއި، ފެން މުޅިން ހުސްނުވަނީސް ފެނަށް އެދޭ ރަށްތަކަށްވުރެ، ފެން ހުސްވެފައިވާ ރަށްތަކަށް އިސްކަންދޭންޖެހުން ހިމެނެއެވެ.
ފެން ރައްކާކުރާ ނިޒާމު ގާއިމުކޮށްފައިވާ 47 ރަށުގެ ތެރެއިން 33 ރަށަކަށް ހޫނު މޫސުމާއި ގުޅިގެން ފެން ފޯރުކޮށްދީފައިވާކަން ފާހަގަކުރަމެވެ. މިހެން ދިމާވެފައިވަނީ، މި ރަށްރަށުގައި މި ނިޒާމް ގާއިމުކުރުމުގައި ފެނުގެ ޑިމާންޑަށް ރިއާޔަތް ކޮށްފައިނުވުމާއި ފެން ތާންގިތައް ސާފުކޮށް ވާރޭފެން ނެގުމަށް ތައްޔާރުކޮށްފައި ނުވުމާއި ފެން ރައްކާކުރާ ނިޒާމު ސާފުކޮށް ބެލެހެއްޓުމުގެ ހަރުދަނާ އުސޫލެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ކައުންސިލު އިދާރާތަކާ ދެމެދު އެކުލަވާލެވިފައި ނުވުމުގެ ސަބަބުންނެވެ. މިހެންވުމުގެ ސަބަބުން، ވާރޭފެން ރައްކާކުރާ ނިޒާމު ގާއިމުކުރުމަށް ހިންގުނު މަޝްރޫއުތަކުގެ ނަތީޖާ އެންމެ އެދެވޭގޮތުގައި ހާސިލުވެފައި ނުވާކަން ފާހަގަކުރަމެވެ.
ހޫނު މޫސުމުގެ އަސަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށްވުރެ ބޮޑަށް އުތުރުގެ އަތޮޅުތަކަށް ކުރަމުންދާކަމާއި، ވޭތުވެ ދިޔަ އަހަރުތަކުގައި ފެން ފޯރުކޮށްދީފައިވާ ރަށްތަކުގެ ނިސްބަތުން %55 އުތުރުގެ އަތޮޅުތަކުގެ ރަށްތައް ހިމެނިފައިވާކަމާއި 2021 ވަނަ އަހަރުގެ ނިޔަލަށް ފެނުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެނުގެ ވިއުގަ 43 ރަށެއްގައި ސަރުކާރުން ގާއިމްކޮށްފައިވާއިރު ހުރިހާ ރަށެއްގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވުނެވެ. ނަމަވެސް، ފެނަށް ޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިފައިވަނީ ފެނުގެ ވިއުގަ ގާއިމުކޮށްފައިވާ ރަށްރަށުގައި ކަމުގައިވާއިރު، ފެނުގެ ވިއުގަ ގާއިމުކޮށްދިނުމުގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ތަކުރާރުކޮށް ފެން ފޯރުކޮށްދޭ ރަށްރަށަށް ދެވިފައިނުވުމުގެ ސަބަބުން، މިރަށްރަށަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއްވެފައިވާކަން ފާހަގަކުރަމެވެ.