"ޓްރެއިނިންގ ޕްރޮގްރާމް އޮން ކޭޝް ބޭސިސް އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓެންޑަރޑްސް" ތަމްރީން ޕްރޮގްރާމް (18- 21 ޖުލައި 2011)
18th July 2011
އޮޑިޓަރ ޖެނެރަލް އޮފީހުން ކުރާ އޮޑިޓްތަކަކީ ބައިނަލް އަގްވާމީ ފެންވަރަށް އޮޑިޓް ރިޕޯރޓްތައް ނެރެ ޕްރޮފެޝަނަލް އޮޑިޓަރުންގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް ހެދުމަށްޓަކައި "އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓެންޑަރޑްސް (އިޕްސާސް)" އާ ބެހޭ ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
18 ޖުލައި 2011 ން 21 ޖުލައި 2011 ށް ހިންގޭ މި ތަމްރީން ޕްރޮގްރާމް ހިންގަވައިދެއްވަނީ ނެދަރލަންޑްސްގެ ކުންފުންޏެއްކަމަށްވާ "ޕައްލާދްސިންގ އެކައުންޓަންސީ އެންޑް ކޮންސަލްޓަންސީ" އިންނެވެ. މި ޕްރޮގްރާމް ހިންގުމުގެ ބޭނުމަކީ މި އޮފީހުގެ އޮޑިޓަރުންނަކީ ދިވެހި ދަޢުލަތުގެ މުއައްސަސާތައް އޮޑިޓްކުރުމުގަ އާއި އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރުމުގައި "އިޕްސާސް" ހަމަތަކުގެ މަތިން އޮޑިޓްކުރެވޭ ފެންވަރުގެ ޤާބިލް އޮޑިޓަރުންތަކެއް ބިނާކުރުމެވެ. އަދި ދަޢުލަތުގެ މާލި ހިސާބުތައް ތައްޔާރުކުރެވެނީ "އިޕްސާސް" ގެ ހަމަތަކާ އެއްގޮތަށްތޯ ބަލައި އެ ހަމަތަކަށް ބަދަލު ކުރުމުގައި އެހީތެރިވެދޭނެ ޤާބިލް ބަޔަކަށް މި އޮޑިޓަރުން ހެދުމެވެ.
މި ފްރޮގްރާމްގައި މި އޮފީހުގެ 40 އޮޑިޓަރުން ބައިވެރިވާނެއެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން 02 މުވައްޒަފުން ބައިވެރިވާނެއެވެ.
