އޮޑިޓަރ ޖެނެރަލްގެ މަސައްކަތް
އޮޑިޓަރ ޖެނެރަލްގެ ޒިންމާއާއި މަސްއޫލިއްޔަތު
އޮޑިޓަރ ޖެނެރަލްގެ މަސްޢޫލިއަޔަތުތަކަކީ ދައުލަތުގެ އެންމެހައި އިދާރާތަކާއި، އެކައުންޓްތަކާއި، ދައުލަތުގެ ވިޔަފާރި ތަންތައް އޮޑިޓް ކުރުމާއި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި އަދި ދައުލަތުން ބައިވެރިވާ ކުންފުނިތަކުގެ މާލީ ދާއިރާގެ ކަންތައްތައް ހަރުދަނާކޮށް އެތަންތަން ޖަވާބުދާރީ ކުރުވުމާއި، ދައުލަތުގެ ފައިސާއާ ހިސާބު ބެލެހެއްޓުމުގެ ކަންތައްތައް ހަރުދަނާކޮށް ސަރުކާރު ޖަވާބުދާރީވުން އިތުރުކުރުވުމާއި، ރާއްޖޭގައި އޮޑިޓްކުރުމާބެހޭ އުޞޫލުތަކާއި ގަވާއިދުތައް ކަނޑައަޅާ ހަރުދަނާ ކުރުމެވެ. އަދި މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކާއި ސަރުކާރުގެ އޮފީސްތަކާއި އެކިއެކި މުއައްސަސާތަކާއި، ދަޢުލަތުގެ ވިޔަފާރި ތަންތަނާއި ދައުލަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ވިޔަފާރި ތަންތަނާއި، ސަރުކާރުގެ ޓްރަސްޓް ނުވަތަ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ޓްރަސްޓް ފަދަ ތަންތަނުގެ ޕާރފޯމަންސް އޮޑިޓްކޮށް ދައުލަތުގެ ފައިސާއާއި މުދަލުން ހޭދަކޮށް ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތައް ސަރުކާރުން ހިންގަނީ ޚަރަދު ކުޑަކޮށް، އިސްރާފު ނެތި، ނަތީޖާ ޙާޞިލުކުރެވޭގޮތަށް، ހެޔޮގޮތުގައި ހުރިހާ ރައްޔިތުންނަށް ފައިދާހުރި ގޮތަށްތޯ ބަލައި މިކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ތަސައްވަރު
އޮޑިޓަރ ޖެނެރަލްގެ އޮފީސް ބައްޓަންވެ ތަރައްޤީވެފައި އޮތުން ބޭނުންވަނީ އޭގެ ފުރިހަމަ މާނައިގައި މާލީގޮތުންނާއި އިދާރީގޮތުން މިނިވަން މުސްތަޤިއްލު އަދި އެއްވެސް ފަރާތަކުން ނޭދެވޭ ނުފޫޒު ނުފޯރުވޭވަރުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިއޮންނަ މުއައްސަސާއެއްގެ ގޮތުގައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ހުނަރުވެރި މުވައްޒަފުން ތިބެގެން، އުފެއްދުންތެރި މަސައްކަތްތަކެއް، ފަންނީ އޮފީހެއްގެ ގޮތުގަޔާއި މިއޮފީހުގެ މަސައްކަތުން ރާއްޖެއަކީ ފަސާދަ ނުވަތަ ކޮރަޕްޝަން އާއި ސަރުކާރުގެ އިސްރާފުނެތް، ނަތީޖާ ޙާޞިލުކޮށް، އަދި ދައުލަތުގެ ފައިސާއާއި މުދާ ނަތީޖާ ހާސިލުވާ ހެޔޮގޮތުގައި ހުރިހާ ރައްޔިތުންގެ ފައިދާއަށް ބޭނުންކުރާ ޤައުމަކަށް ރާއްޖެ ބަދަލުވުމެވެ.
އަޅުގަނޑުމެންގެ އަޒުމު
އަޅުގަނޑުމެންގެ މަސައްކަތްރާވައި ހިންގާނީ ސަރުކާރާއި ސަރުކާރާ ގުޅިފައިވާ އެންމެހާ މުއައްސަސާތަކުން ދައުލަތުގެ ފައިސާ ހޭދަކޮށް މުދަލާ ތަކެތި ބޭނުންކުރަނީ ޚަރަދު ކުޑަކޮށް، އިސްރާފު ނެތި، ނަތީޖާ ޙާޞިލުވާގޮތަށް، ހެޔޮގޮތުގައި ހުރިހާ ރައްޔިތުންނަށް ފައިދާހުރި ގޮތުގައިތޯބަލައި މިކަމުގައި ސަރުކާރުގެ ޒިންމާ އާއި ޖަވާބުދާރީވުން އިތުރު ކުރުވުމަށެވެ. މިކަންކަން ޙާޞިލުކުރާނީ މިއޮފީސް ތަރައްޤީކޮށް ޒަމާނީކޮށްގެންނާއި، ސަރުކާރުގެ ހޭދަކުރުންތަކުގެ ހާމަކަން އިތުރުކޮށްގެންނާއި، މިއޮފީހުން ކުރާ އޮޑިޓްތަކުގެ ރިޕޯޓްތައް އެކުލަވާލައި އާއްމުކޮށް ޝާއިޢު ކޮށްގެންނާއި، ޚަރަދު ކޮންޓްރޯލްކޮށް އިސްރާފުނެތި ރާއްޖޭގެ ފުދުންތެރިކަން ހުރި މިންވަރުން އުޅުމަށް ބާރުއެޅުމުގެ ތެރެއިންނާއި ދުރާލާ ކުރިއަށް ރޭވުމާއި މިފަދަ ހިންގުންތެރިކަން ހަރުދަނާ ކުރުވައިގެންނާއި، އަމިއްލަ ފަރުދުންގެ ބަހާ ޢަމަލު ސީދާކޮށް އެއްގޮތް ކުރުވައިގެންނާއި، ކޮރަޕްޝަނާ މެދު މީހުން ހޭލުންތެރިކޮށްގެން އެއާ ދެކޮޅަށް ހަރަކާތްތެރި ކުރުވައިގެންނާއި، އަދި ރާއްޖޭގައި ހިސާބު ބެލެހެއްޓުމުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީ ކޮށްގެންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތް ރޭވިފައިވާ ގޮތް
މިއޮފީހުގެ ކޮންމެ އަހަރެއްގެ އޮޑިޓް މަސައްކަތް ކުރިއަށްގެންދެވޭނީ މިއޮފީހުން ތައްޔާރުކޮށް އެކުލަވާލާ ސްޓްރެޓެޖިކް އޮޑިޓް ޕްލޭނަކާ އެއްގޮތަށެވެ. މި ޕްލޭން ފުރިހަމަކުރާނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައި އެކޮމިޓީގެ ލަފައެއްވާނަމަ އެފަދަ ލަފާ ހިމަނައިގެންނާއި، އޮޑިޓްކުރެވޭ ތަންތަނުގެ މަސައްކަތް ރޭވިފައިވާ ގޮތް ބަލާ މުތާލިޔާ ކޮށްގެންނާއި، ކުރީއަހަރުތަކުގައި ދިމާވެފައިވާ އޮޑިޓްގެ މައްސަލަތަކުގެ އަލީގަޔާއި، އަދި ރައްޔިތުން މިއޮފީހަށް ހުށަހަޅުއްވާ މައްސަލަތަކަށް ރިއާޔަތްކޮށްގެންނެވެ.
މިޕްލޭނުގެ ދަށުން ދަޢުލަތުގެ އާމްދަނީއާ، ޚަރަދާ، މުދަލާއި، ދަރަނީގެ ފައިނޭންޝަލް އޮޑިޓްގެ އިތުރުން، އިސްރާފްނެތި ނަތީޖާ ޙާޞިލުކުރެވޭ މިންވަރު ބެލުމަށްޓަކައި ޕަރފޯމަންސް އޮޑިޓާއި، ހެޔޮގޮތުގައި އެންމެންނަށް ފައިދާވާގޮތަށް ދަޢުލަތުގެ ފައިސާ އާއި ތަކެތި ބޭނުން ކުރެވޭތޯ ބެލުމަށްޓަކައި ކުރެވޭ ގަވަރނަންސް އާއި ކޮމްޕްލަޔަންސް އޮޑިޓްވެސް ހިމެނޭނެއެވެ. އަދި މިޕްރޮގްރާމްގައި ހުރިހާ މިނިސްޓްރީތަކާއި، ދަޢުލަތުގެ ކުންފުނިތަކާއި މަޝްރޫޢުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރިޔާސީ ގަނޑުވަރާއި، ފުލުސް އޮފީހާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ކޯޓުތަކާއި، ސިޔާސީ ޕާޓީތަކަށް ދޫކުރެވޭ ފައިސާއާއި، އެމްބަސީތަކާއި، ހައިކޮމިޝަންތަކާއި، އަތޮޅުއޮފީސްތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި، ޚާއްޞަ ޕްރޮޖެކްޓްތަކާ، ބަޖެޓްވަކިކޮށްފައިވާ މުއައްސަސާތަކާ، މިނިވަން މުސްތަޤިއްލު މުއައްސަސާތައް ހިމެނެއެވެ. މިއޮޑިޓްތައް ކުރެވޭނީ "ރިސްކް ބޭސްޑް" އޮޑިޓްގެ އުޞޫލުން މިތަންތަނުގެ މަސައްކަތާ ޙަރަކާތްތައް ރޭވިފައިވާ ކުޑަ ބޮޑު މިނާއި ހަލަބޮލިކަމުގެ މައްޗަށް ބަލައި ރާވައިގެންނެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގައި މިވަގުތު ތިއްބެވީ ރާއްޖޭން ބޭރުގައި ތަޢުލީމު ޙާސިލް ކުރައްވަމުން ގެންދަވާ 30 މުވައްޒަފުންނާއިއެކު ޖުމްލަ 108 މުވައްޒަފުންނެވެ.
16 ޖެނުއަރީ 2008 ގައި އޮޑިޓަރި ޖެނެރަލް ބަދަލުވުމާއި ގުޅިގެން މިއޮފީހަށްވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ ޖަވާބުދާރީ ވުމުގެ ގޮތުން އޮފީހުގެ މުވައްޒަފުންގެ ފަންތިތައް މަދުކޮށް، މަސައްކަތުގެ މާހައުލާއި ސުލޫކާއި އާދަކާދަ ބަދަލުކޮށް، މުވައްޒަފުންގެ އުފެއްދުންތެރިކަމަށް ބިނާކޮށް މުސާރަ ހަމަޖައްސާ، އަލަށް އެކުލަވާލެވުނު ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން މުވައްޒިފުންގެ ވަޒީފާތައް ވަނީ އަލުން ހަމަޖެއްސިފައެވެ. އެއީ މުވައްޒިފުން އިތުރުނުކޮށް މުވައްޒަފުން ނުކަނޑާ އޮފީހުގައި ތިބި މުވައްޒަފުން ބޭނުންކޮށްގެން މިހާތަނަށް ދުވަހަކުވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިނުވާހާ ގިނަ މަސައްކަތާއި އަދި މިހާތަނަށް އޮޑިޓްކޮށްފައިނުވާ އިދާރާތަކެއް އޮޑިޓް ކުރަން ޕްރޮގްރާމްގައި ހިމަނައިގެންނެވެ.
މިގޮތުން ތައާރަފު ކުރެވުނު ބަދަލުތަކުގެ ތެރޭގައި ހުރިހާ އެލަވަންސްތައް އުވާލައި އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރެވޭގޮތަށް، އަދި ވިޔަފާރިވެސް ނުކުރެވޭގޮތަށް މިއޮފީހުގެ މަސައްކަތުގައި އުޅެވޭވަރަށް މުސާރަ ހަމަޖައްސައި؛ މަސައްކަތްގަޑި ހެނދުނު 7:30 އިން ހަވީރު 4:00 އަށް ހަމަޖައްސައި އޮފީހުގައި އޮފީހުގެ ޚަރަދުގައި މެންދުރު ކެއުން ހަމަޖައްސައި؛ އޮފީހަށް ހާޒިރުވުމަށްފަހު އޮފީހުގެ މަސައްކަތަށް ނޫނީ ސަޔަށް، ސްކޫލްދޮށަށްފަދަ އަމިއްލަ ކަންކަމަށް ބޭރަށް ދިއުމާ އޮފީހުގައި ތިބެގެންވެސް އަމިއްލަ މަސައްކަތާ އަމިއްލަ ފޯނުކޯލްތައް ކުރުން މަނާކޮށް އެކަން ހުއްޓުވައި؛ އޮފީހުގައި ކެއުމާއި، ސަޔާއި ނަމާދުގެ ކަންތައް ހަމަޖެއްސުމާ މިކަންކަން އެންމެ ގިނަވެގެންވެސް ދުވާލަކު 1 ގަޑި އިރުގެ ތެރޭގައި ހަމަޖައްސައި؛ ކޮންމެ ދުވަހަކަށް ހޭދަކުރާވަގުތު ޓައިމްޝީޓްގައި ހިމަނައި؛ "ސަލާމްބުނުން" އުވާލާ ޗުއްޓީލިބޭގޮތް ބަދަލުކޮށް؛ ސިޔާސީ ޕާޓީގެ މެމްބަރުކަމާ، ދީނީ ހަރަކާތްތައްފަދަ ކަންކަމުގައި ބައިވެރިނުވެވޭގޮތަށް ހަމަޖައްސައި؛ ގާތްތިމާގެ މީހުންނަށް އޮފީހުގައި މަސައްކަތް ނުކުރެވޭގޮތަށް ހަމަޖައްސައި؛ އޮޑިޓްކުރަންދާ ތަންތާގައިވެސް އޮޑިޓް ޓީމުގެ މެމްބަރުން ތިބިކަމަށްވާނަމަ އެކަން ލިޔުމަކުން އަންގައި އެނޫން މުވައްޒަފުން އެއޮޑިޓްތަކަށް ހަމަޖައްސައި؛ ހުރިހާ މުވައްޒަފުން އަހަރީ ޗުއްޓީ ނަގާގޮތަށް ހަމަޖައްސައި؛ އަހަރަކު އެއްފަހަރު ކޮންމެ މުވައްޒިފެއްގެ ޕަރފޯމަންސް އިވެލުއޭޝަން ހަދައި، އިތުރުގަޑީގެ ލާރި އުވާލާ؛ އިގިރޭސިބަހާ ދިވެހިބަހާ ކޮމްޕިއުޓަރާ އަދި އެކައުންޓިންގއާ އޮޑިޓްއާ މެނޭޖްމަންޓް ކޯސްތައް ތައާރަފްކޮށް ހުރިހާ މުވައްޒިފުން މީގައި ބައިވެރިކުރުވައި؛ އޮފީހުގެ އޮޑިޓް މަސައްކަތް މުޅިން ކޮމްޕިއުޓަރުން ކުރެވޭގޮތަށް ހަމަޖައްސާ؛ ފައިލްކުރަންޖެހޭ ލިޔުންތައް ކޮމްޕިއުޓަރުގައި ރައްކާކުރެވޭގޮތަށް ހަދާ، ގުދަން ކުރުމުގެ މަސައްކަތް ބަދަލުކޮށް، އޮފީހުން ބޭރަށް ފޮނުވާ ސިޓީތައް އީމެއިލުން ފޮނުވާ ގޮތަށް ބަދަލު ކޮށް؛ ކޮމްޕިއުޓަރ ޑިޕާޓްމެންޓާއި ތަކެތި ބަދަލުކުރުން ފަދަ ކަންކަން ހިމެނެއެވެ.
