އޮޑިޓަރ ޖެނެރަލްގެ މައިގަނޑު މަސައްކަތަކީ ސަރުކާރުންނާ ސަރުކާރުގެ ކުންފުނިތަކުން ދަޢުލަތުގެ ފައިސާ ހޭދަކުރާގޮތް ބަލައި، އޮޑިޓަރ ޖެނެރަލަށް ރަނގަޅުކުރަންޖެހޭ ކަމަށްފެންނަ ކަންތައްތައް ސަރުކާރަށް ހުށަހަޅައި އެކަންތައް ރަނގަޅުކުރުމުގައި އެހީތެރިކަން ފޯރުކޮށްދީ، އަދި އޮޑިޓް ރިޕޯޓްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އަދި އާއްމުކޮށް ސަރުކާރުގެ ޒިންމާ އާއި ޖަވާބުދާރީ އިތުރުކުރުވުމެވެ. މީގެ އިތުރުން ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ޚަރަދަށް ބަލައިގެން އިސްރާފުނެތި ފައިސާ ހޭދަކުރޭތޯ ބެލުމަށްޓަކައި ޕަރފޯމަންސް އޮޑިޓް ކުރުމާއި، ދަޢުލަތުގެ ފައިސާއާތަކެތި ހޭދަކުރަނީ ހެޔޮގޮތުގައި ހުރިހާ ރައްޔިތުންނަށް ފައިދާހުރި ގޮތުގައިތޯ ބެލުމަށް ގަވަރނަންސް އާއި ކޮމްޕްލަޔަންސް އޮޑިޓް އާއި ސްޕެޝަލް އޮޑިޓްކޮށް މިރިޕޯޓްތައް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި އާއްމު ކުރުމެވެ.

މިގޮތުން ދަޢުލަތުގެ ހުރިހާ މަސައްކަތަކާއި މުއައްސަސާތައް އޮޑިޓްކުރެވޭނެއެވެ. އޭގެތެރޭގައި ހުރިހާ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި ދަޢުލަތުގެ ކުންފުނިތަކާއި މަޝްރޫޢުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރިޔާސީ ގަނޑުވަރާއި، ފުލުސް އޮފީހާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ކޯޓުތަކާއި، ސިޔާސީ ޕާޓީތަކަށް ސަރުކާރުން ދޫކުރެވޭ ފައިސާ ޚަރަދުކުރެވޭގޮތާއި، އެމްބަސީތަކާއި، ހައިކޮމިޝަންތަކާއި، އަތޮޅުއޮފީސްތަކާއި، ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި ޚާއްޞަ ޕްރޮޖެކްޓްތަކާ، ބަޖެޓްވަކިކޮށްފައިވާ މުއައްސަސާތަކާ، މިނިވަން މުސްތަޤިއްލު މުއައްސަސާތައް ހިމެނެއެވެ.

ނަމަވެސް މީހުން ހިފާ ހައްޔަރުކުރުމާއި، ތަހުގީގުކުރުމާއި، ޝަރީއަތަށް ގޮސް ވަކާލާތު ކުރުމާއި، ޝަރީއަތަށް ދިއުމާއި، ހުކުމް ކޮށް ހުކުމް ތަންފީޒު ކުރުމަކީ އޮޑިޓަރ ޖެނެރަލްގެ މަސައްކަތެއް ނޫނެވެ. އޮޑިޓް ގެމަސައްކަތުން ފެންނަ ވައްކަމާ ޚިޔާނާތުގެ މައްސަލަ ތަހުގީގު ކުރުވާނީ ފުލުސް އޮފީހާއި އެންޓި ކޮރަޕްޝަން ބޯޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން އެތަންތަނުންނެވެ. އަދި ޝަރީއަތަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހަޅާނީ އެޓަރނީ ޖެނެރަލް އާއި ގާނޫނީ ވަކީލުންގެ އެހީތެރިކަމާ އެކުގައެވެ. ހުކުމް ކުރުމާއި ހުކުމް ތަންފީޒުކުރުމަކީ ކޯޓުތަކުގެ މަސައްކަތެކެވެ.