އޮޑިޓަރ ޖެނެރަލް މުސްތަޤިއްލު ކުރަނީ އޮޑިޓް ޤާނޫނުގަޔާއި ޤާނޫނު އަސާސީގައި އޮޑިޓަރ ޖެނެރަލްއަކީ މިނިވަން މުސްތަޤިއްލު މީހެއްކަން ބަޔާންކޮށް އެކަމަށް ބޭނުންވާ ބާރުތަކާ އިމްތިޔާޒުތައް ގާނޫނީ ގޮތުން ފޯރުކޮށްދީގެންނެވެ. މިކަން މިހާރަށް ފުދޭވަރަށް އޮޑިޓް ގާނޫނުގަޔާއި އިސްލާހުކުރެވުނު ގާނޫނު އަސާސީގައި ބަޔާންކުރެވިފައި އެބައޮތެވެ. ނަމަވެސް ހަގީގީ މުސްތަޤިއްލުކަން ހާސިލުކުރެވޭނީ އަދި ރައްޔިތުންނާ ރައްޔިތުންގެ މަޖިލީހަށް ބޭނުންފުޅުވާ ވަރަށް އޮޑިޓްގެ މަސައްކަތް ކުރެވޭނީ އެކަމަށް ބޭނުންވާވަރަށް މާލީ ވަސީލަތްތައް އޮޑިޓަރ ޖެނެރަލަށް ލިބިގެންނެވެ. އެއީ އޮފީހަށް ބޭނުންވާ އޮފީހުގެ ޖާގައާ، ބޭނުންވާތަކެއްޗާ، މުވައްޒިފުންނަށް ބޭނުންވާ ތަމްރީނާ، މުވައްޒަފުންނަށް އެމީހުން އުފުލާ ބުރައާއި ޒިންމާއާ އެކަށީގެންވާވަރަށް މުސާރަދެވޭވަރަށާއި އަދި ދަތުރުފަތުރަށް ބޭނުންވާ ފައިސާ ދަތިކަމެއްނެތި ރައްޔިތުންގެ މަޖިލީހުން ލިބިގެންނެވެ. އަދި އޮޑިޓަރ ޖެނެރަލް ދައުލަތުގެ ހުރިހާ ވުޒާރާތަކާއި ސަރުކާރުގެ އެންމެ އިސް ފަރާތް އޮޑިޓް ކުރުމުގައި އުފުއްލަވަންޖެހޭ މަސްއޫލިއްޔަތާ ކުރަންޖެހޭ އުދަގޫ މަސައްކަތާ އެކަށީގެންވާވަރުގެ މުސާރައާ ސަލާމަތްކަމާ ހިމާޔަތާ މިނިވަންކަމާ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން އެދެންނުޖެހޭވަރުގެ ފުދުންތެރިކަން އޮޑިޓަރ ޖެނެރަލަށް ލިބިގެންނެވެ. އަދި އެއާއެކު އޮޑިޓަރ ޖެނެރަލާ އޭނާގެ މުވައްޒަފުން ވިޔަފާރިއާ މަސްލަހަތު ފުށުއަރާ ފަދަ މަސައްކަތް ތަކުންނާއި ސިޔާސީ ހަރަކާތްތަކުން ދުރުހެލިވެ ތިބުމުންނާއި އަދި އޮޑިޓަރ ޖެނެރަލް އައްޔަނު ކުރުމާއި ވަކިކުރުން ފަދަ ކަންކަން ސިޔާސީ އެއްވެސް ކުލަވަރެއް ނުވަތަ ނުފޫޒެއްނެތި ނިންމޭގޮތަށް އޮތުމުންނެވެ.