އޮޑިޓަރ ޖެނެރަލަކީ ކެބިނެޓް މިނިސްޓަރެއްނޫނެވެ. އޮޑިޓަރ ޖެނެރަލްއަށް އެއްވެސް މިނިސްޓްރީއެއް ޙަވާލުވެފައެއްނޯވެއެވެ. އަދި ކެބިނެޓްގެ ޖަލްސާއަކަށްވެސް ވަޑައެއްނުގަންނަވާނެއެވެ. އަދި ވަޑައިގަންނަވާކަށް ނުވެސް ޖެހެއެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލްގެ މަގާމު މިވަގުތު ރާއްޖޭގައި ހަމަޖެހިފައި އޮތީ ކެބިނެޓް މިނިސްޓަރެއްގެ ފެންވަރުގެ މަޤާމެއްގޮތުގައެވެ. އެއީ މިއޮފީހުގެ ގަދަރާއި ހައިބަތު ދެމެހެއްޓުމަށާ އަދި އޮޑިޓްކުރެވޭ ދަޢުލަތުގެ ހުރިހާ މުއައްސަސާތަކާ މިނިސްޓްރީތަކާ ކުފޫ ހަމަކުރުމަށްޓަކައެވެ. ޙަޤީޤަތުގައި މިނިވަން މުސްތަޤިއްލު އޮޑިޓަރ ޖެނެރަލެއްގެ މަޤާމަކީ އުއްތަމަ ފަޑިޔާރުފަދަ މިނިސްޓަރުންނަށް ވުރެންމަތީ މަޤާމެކެވެ. އެއީ ދަޢުލަތުގެ ހުރިހާ ވަޒީރުންނާ ސަރުކާރު ހިންގުމުގެ އެންމެއިސް ވެރިޔާވެސް އޮޑިޓްކޮށް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުން އޮޑިޓަރ ޖެނެރަލްގެ މަޞްޢޫލިއްޔަތަކަށް ވެފައިވާތީއެވެ. ނަމަވެސް މިކަމުގައި މުހިއްމުކަމަކީ ރާއްޖޭގައި މިވަގުތު ކަންތައްތައް ހުރި ނެތްގޮތުގެ މައްޗައް ބިނާކޮށް އޮޑިޓަރ ޖެނެރަލްގެ މަޤާމަކީ ކޮން މަޤާމަކަށްވުރެން މަތި ނުވަތަ ދަށް މަޤާމެއްތޯ އަޅާކިޔުމެއްނޫނެވެ. މުހިއްމުކަމަކީ އޮޑިޓަރ ޖެނެރަލްގެ މަޞްޢޫލިއްޔަތު އަދާކުރެވޭވަރަށް އޮޑިޓަރ ޖެނެރަލާއި މުވައްޒަފުންނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް މިނިވަންވެ މުސްތަޤިއްލުވުމެވެ. އަދި އޮފީސް ހިންގައި ރައްޔިތުންނާ ރައްޔިތުންގެ މަޖިލީހުން ބޭނުންވާ އޮޑިޓްތައް ކުރެވޭނެ ވަރުގެ ހައިބަތާ، ބާރުތަކާ ވަސީލަތްތަކާ ފައިނޭންޝަލް އިންޑިޕެންޑެންސް ލިބިފައި އޮތުމެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެދެވޭގޮތުގައި އޮޑިޓްގެ މަސައްކަތް ނުހިގާފައިވަނީ ސީދާ މިކަންކަން ފުރިހަމަ ވެފައި ނެތުމުގެ ސަބަބުންނެވެ.